ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަލުން ހުށައަޅައިފިއެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައަޅާފައިވަނީ މިއަދުއެެވެ. ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާއި ފޯޅަވަހީގެ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖޭގެ ދިފާއުގައި ޚާރިޖީ ވަޒީރު ޝާހިދު އެކަށީގެންވާ މަސައްކަތްޕުޅެއް ކުރައްވާފައި ނުވާ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅީ ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ. ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށައެޅުއްވުމަށްފަހު މައްސަލަ އަނބުރާ ގެންގޮސްފައިވަނީ، އިތުރު މެމްބަރުންތަކެއް ސޮއިކުރައްވަން ބޭނުންވާތީއެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުންނާއި އެމްއެންޕީގެ ތިން މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ސޮއިކުރެއްވި ކަމަށާއި, އެ މައްސަލާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަނި ކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅެނީ 10 މެންބަރުންގެ ސޮއި ލިބިގެނެވެ. ނަމަވެސް ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާއި މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށައަޅާފައެވެ. އަދި އެމައްސަލާގައި މިހާރު ވަނީ ބަންޑާރަނާއިބަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. އެ ނިންމުމާއެކު ކަނޑުގެ ސަރަހައްދުން މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.



ކިޔުންތެރިންގެ ހިޔާލު