ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހިރާއްޖޭގެ ތާރީޚު ހެކިވާނެފަދަ ނަމޫނާ ވެރިއެއްކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެކިއެކި ސިޔާސީ ފަރާތްތަކުން އިންތިހާބުގައި ތާއީދު ކުރާނެ ސިޔާސީ ލީޑަރުން ކަނޑައަޅައި އިއުލާން ކުރަމުންދާއިރު ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ފަރާތްތަކުންދަނީ ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާޢީދުކުރަށްވާކަން ހާމަކުރަށްވަމުން ޚާރިޖީ ވަޒީރު ޝާހިދު މިއަދު ވިދާޅުވީ ރައީސް ޞާލިޙަކީ ދިވެހިރާއްޖޭގެ ތާރީޚު ހެކިވާނެފަދަ ނަމޫނާ ވެރިއެއްކަމަށެވެ.

“ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް!” ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާކަން ހާމަކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިހަފްތާ ބަންދުގައި އެމްޑީޕީންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިއްޔެ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް ވަނީ ނަގާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދުކޮށް އެމަނިކުފާނު ވެރިކަމަށް ގެނަައުމަށް އަދާލަތު ޕާޓީ އާއި އެމްޑީއޭއިން މިހާރު ވަނީ އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު