ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމެއްގައި ޕާޓީ އުފެއްދުމަށް އީސީއަށް ފޯމު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މި ބައްދަލުވުމުގައި ފިކުރެއްގެ ދިރުމަށް ތާޢީދު ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބަށްފަހު ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ސިޔާސީ ޙަރަކާތްތައް ހިންގަވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައެވެ. ނަމަވެސް އާ ސިޔާސީ ޕާޓީ އުފެއްދެވުމަށް އެބޭފުޅުން އީސީއަށް ހުށައެޅުއްވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން ފިކުރެއްގެ ދިރުމުން އިޢުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެދުވަހު ވިދާޅުވީ ސިޔާސީ ޕާޓީ ހެދުމުގެ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ ހެދުމަށްޓަކާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ މެމްބަރުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު