ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ހާޒިރުވުމުން، އަޑުގަދަކުރި ޕީޕީއެމް / ޕީއެންސީގެ ތިން މެންބަރެއްގެ ނަން އިއްވައިފި އެވެ.

އިމްރާން މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ޕޮލިސް ސްޓޭޝަންތަކަކާ ގުޅޭ ގޮތުން ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަޖިލީހުގައި އަޑުގަދަ ކުރަށްވަން ފަށްޓަވާފައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވަޒީރަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޝިޔާމްގެ ކަންބޮޑުވުންތައް އެހެން ވަގުތެއްގައި ފާޅުކުރެއްވުމަށް އީވާ އެދިވަޑައިގެންނެވިއެވެ.

ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ އިމްރާން އިންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރަށްވާފައެވެ. އަދި އިދިކޮޅު މެންބަރުން ހަމަޖެއްސެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާވެސް ވަނީ އެތަނަށް ވަޑައިގެން ވަޒީރަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިޔާސަތުގެ އަމުރަށް ތަކުރާރުކޮށް އިދިކޮޅު 3 މެންބަރުން ޚިލާފުވެ އިޙްތިޖާޖް ކުރިއަށް ގެންދެވުމާ ގުޅިގެން އެ ތިން މެންބަރުންނަށް ވެސް ނަސޭހަތްތެރިވުމަށް ފަހު، މިއަދުގެ ޖަލްސާގައި ވަނީ އެމެންބަރުންގެ ނަން އިއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން