ވެރިކަންކުރާ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެފައިވާކަން މަޖިލީހަށް އަންގަވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމެންބަރުން އެމްޑީޕީގެ ދަފްތަރުން އުނިކޮށް އަމިއްލަ މެންބަރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އީވާ މިއަދު ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން ވަކި ޕާޓިއަކަށް ނިސްބަތް ނުވާ މެންބަރުންގެ ބަހުސްގެ ވަގުތުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ މަޢުލޫމާތު ފަހުން މެންބަރުންނަށް އަރުވާނެ ކަމަށްވެސް އީވާ މިއަދުވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މީގެ ކުރިން މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ވަނީ ގެއްލިފައެވެ. ސުޕަރ މެޖޯރިޓީ ގެއްލުމާ ގުޅިގެން މިހާރު އެމްޑީޕީއަށް ވަނީ މަޖިލީހުގައި ފަނޑިޔާރުން ވަކިކުރުމަށް ލިބިފައިއޮތް ބާރުވެސް ގެއްލިފައެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ލިބިފައިއޮތް ބާރުވެސް އެމްޑީޕީއަށް މިހާރުވަނީ ގެއްލިފައެވެ.

އެމްޑީޕީގެ ސްލޮޓްގައި ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް 68 މެންބަރަކު ތިއްބެވިއެވެ. ނަމަވެސް އެޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 55 އަކަށް މަދުވެފައެވެ.

މަޖިލީހުގައި މިހާރު މެންބަރުން އެކުލެވޭ ގޮތަށް ބަލާއިރު އެމްޑީޕީގެ 55 މެންބަރުންނާއި، ޕީޕީއެމްގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި، އެމްއެންޕީގެ 3 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 17 މެންބަރުން އެބަތިއްބެވިއެވެ.

އެމްޑީޕީން ވަކިވި 12 މެންބަރުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާއިރު، އެޕާޓީ ވުޖޫދުވުމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ވާނީ "ދަ ޑިމޮކްރެޓްސް" އެވެ.



ކިޔުންތެރިންގެ ހިޔާލު