ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުން މިއަދު ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވުމުން އިމްރާން ކޯފާވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ހާޒިރުވެ ވަޑައިގެންނެވުމުން، އަޑުގަދަކުރި ޕީޕީއެމް / ޕީއެންސީގެ ތިން މެންބަރެއްގެ ނަން ވަނީ އިއްވައިފަ އެވެ. އެގޮތުން މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަޖިލީހުގައި އަޑުގަދަ ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަޑުގަދަކުރެއްވި ނަމަވެސް ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ.



މިއަދުގެ ޖަލްސާގައި އިމްރާނަށް ހުރަސްއެޅުއްވުމުގެ ގޮތުން، އިމްރާން އިންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. އަދި އިދިކޮޅު މެންބަރުން ހަމަޖެއްސެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާވެސް ވަނީ އެތަނަށް ވަޑައިގެން ވަޒީރަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިޔާސަތުގެ އަމުރަށް ތަކުރާރުކޮށް އިދިކޮޅު 3 މެންބަރުން ޚިލާފުވެ އިޙްތިޖާޖް ކުރިއަށް ގެންދެވުމާ ގުޅިގެން އެ ތިން މެންބަރުންނަށް ވެސް ނަސޭހަތްތެރިވުމަށްފަހު، މިއަދުގެ ޖަލްސާގައި ވަނީ އެމެންބަރުންގެ ނަން އިއްވައިފައެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ އެމަނިކުފާނު މިހާރުގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު