ތިލަމާލެ ބްރިޖް މަސައްކަތުގައި ލަސްތަކެއްހުރި ނަމަވެސް، މަސައްކަތް ނިންމުމަށް އިތުރު މުއްދަތެއް ދިނުމުގެ ވިސްނުމެއް ނެތްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމުން ގުޅާލުމަށް ބިނާކުރާ ބްރިޖެކެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، ބްރިޖްގެ މަސައްކަތްކުރާ ކުންފުނިން ދީފައިވާ ތާވަލަށްވުރެ މަސައްކަތުގެ ސްޕީޑް ލަސްކަމަށެވެ.

އަސްލަމް ވިދާޅުވީ ބްރިޖް މަސައްކަތުގައި މިހާރު ކުރަމުންދަނީ ބުރިޖުގެ ޑެކު ސެކްޝަންތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން ބްރިޖްގެ އަސްލު ތަނބުތައް ޖެހުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސިނަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރި ކުންފުނިން ވަގުތީ ޕްލެޓްފޯމްތަކެއް ބޭނުންކުރި ނަމަވެސް އިންޑިއާގެ އެފްކޮން ކުންފުނިން ބްރިޖުގެ މަސައްކަތް ކުރަނީ ވަގުތީ ޕްލެޓްފޯމެއް އަޅައިގެން ނޫން ކަމަށެވެ.

"ފުލީ ކެޗަޕެއް ނުކުރެވޭނެ. އަދި އަޅުގަނޑުމެން ޓައިމް އެކްސްޓެންޝަނެއް ދޭކަށް ގަސްދެއް ނުކުރަން،" އަސްލަމް މިއަދު ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުން ބްރިޖުގެ މަސައްކަތްކުރަމުންދަނީ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ ޑިސެމްބަރަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިގެނެވެ. އަދި މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ. އޭގެ ފަހުން މެއި، 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑްތަކެކެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން