ރައިވަރާ ބަންޖާކިޔަސް އާއިލީ ވެރިކަން އިޢާދަކުރަން ލާހިކު ކުޅަދާނައެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ރައީސް ނަޝީދަށް މިއަދު ރައްދު ދެއްވައިފިއެވެ.

މޫސަ މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ޖުންޖުލައި ގަދަ ކުރިމަތިވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒުން މިއަދު ފަރިއްސެއް ވިދާޅުވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖުންޖުލައި ގަދަ ކުރިމަތިވެއްޖެ ކަމަށާއި، ދެން އިތުރަށް އޮޑި ނުދުއްވައި މަޑުކޮށްގެން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު މިބީދައިން ވިދާޅުވެފައިވާއިރު "ދި ޑިމޮކްރެޓްސް" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރަށްވަމުންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ރީކޯ މޫސާ މަނިކު ވަނީ، އެމްޑީޕީގައި އޮތް ރައީސް ނަޝީދުގެ ޢާއިލާގެ ސިޔާސީ ބާރުވެރިކަން ގެއްލުމުން އެކަން އިޢާދަކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރަށްވާކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން ޚުދުމުޚްތާރު އަމިއްލަވަންތަ ޢާއިލީ ވެރިކަން މިޤައުމުން ނައްތާލިތާ 15 އަހަރު ވެއްޖެ ކަމަށާއި ދެން އެކަން ތަކުރާރު ނުކުރެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"15 ވަރަކަށް އަހަރަށްފަހު އަލުން އެއުސޫލު އަނބުރާ ޢިޔާދަކުރުމަށް މިފަހަރު މި ޖަހާލީ އޮޑިދަށުން. ކިތަންމެ ރައިވަރަކާ ބަންޖެއްކިޔަސް ލާހިކު ކުޅަދާނައެއްނޫން." މޫސަ ވިދާޅުވިއެވެ.



ވަރަށް ވާދަވެރި ފޯރިގަދަ ރިޔާސީ ޕްރައިމަރީ އިންތިޚާބަކަށްފަހު ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން ޕާޓީގެ އިސް ލީޑަރު ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙްވަނީ އިންތިޚާބު ކާމިޔާބު ކުރަށްވާފައެވެ.

އެ އިންތިޚާބަށްފަހު ރައީސް ނަޝީދަށް ތާޢީދުކުރަށްވާ މެންބަރުން ގެންދެވީ އެމްޑީޕީއާ ވަކިން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ސިޔާސީ ޙަރަކާތެއް ގެންދަވަމުންނެވެ. އަދި އެމްޑީޕީގެ ރަސްމީ ހުރިހާ ގުނަވަންތަކެއްގެ ކޮންޓްރޯލް ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ ބޭފުޅުން ނެންގެވުމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިހާރުވަނީ އައުޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައެވެ.

އެގޮތުން "ދަ ޑިމެކްރެޓްސް" ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީގެ 12 މަޖިލީސް މެންބަރުން އެޕާޓީން ވަކިވެފައިވީ ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު