މަޖިލީހުގެ ރިޔާސަތުގައި ތިބެން ޖެހޭނީ ރަންރީނދޫ މެންބަރުން ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިސްމާލް މިމޭރުމުން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ނާއިބުރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ބައެއް މަޖިލިސް މެންބަރުންނަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ އެބޭފުޅުންގެ ސޮއި އަނބުރާ ނެންގެވުމަށް އެދިފައެވެ.

އެކަމާގުޅިގެން މެންބަރު އިސްމާޢީލް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ތިބެންޖެހޭނީ ރަން ރީނދޫ އެމްޑީޕީ މެމްބަރުން ކަމަށެވެ. އަދި އެމްޑީޕީން ވަކިވާ މެންބަރުންނަށް އެންމެ ރަނގަޅުގޮތަކީ ރިޔާސަތުގެ ގޮނޑި ދޫކޮށްލެއްވުން ކަމަށާއި، އެހެން ނޫންނަމަ މަޤާމުން ދުރުކުރާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް 50 މެންބަރުން ސޮއިކުރައްވައި މައްސަލައެއް އިިއްޔެ ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރެއްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދެވެ.

އީވާގެ އިތުބާރުނެތްކަމަށް ހުށައެޅި މައްސަލާގައި ރައީސް ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން، ދޭލިޔާ މުޙައްމަދުބޭގެ ދަރި އެއްލާލަނީ ކަމަށެވެ. ޅ. ހިންނަވަރު ދޭލިޔާ، އަބްދުﷲ މުހައްމަދު ނުވަތަ ދޭލިޔާއަކީ މެންބަރު އީވާގެ ބައްޕާފުޅެވެ. އަދި ރައީސް ޞާލިޙާއި، މަޖިލީސް މެންބަރު ޢަލީ ނިޔާޒްގެ މަންމާފުޅާއި ދޭލިޔާ މުޙައްމަދުގެ މަންމާފުޅަކީ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.

މަޖިލީހުގެ ނައިބުރައީސް އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އެމެންބަރުން ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު