ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލް އޮޅުން ފިލުވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ވަނީ މިނިސްޓަރ ޙުސައިނާއި މަޖިލީހުގައި ސުވާލު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ޙުސައިން ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، އެއީ މިނިސްޓްރީން ބަލަހައްޓާ މަޢުލޫމާތެއް ނޫންކަމަށާއި، އެ މައުލޫމާތު ސާފުކުރެވޭނީ މިފްކޯއިން ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރިޖެކްޓް މަހުގެ ތަފާސްހިސާބު ބެލެހެއްޓުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިނިސްޓްރީގެ މަސައްކަތްތައް މަޖިލީހުން ކަނޑައަޅާފައިވާ ކަމަށާއި، އެކަން އިތުރަށް ސާފު ކުރަށްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން،" ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ރާއްޖޭން ބޭރުކުރާ މަހުގެ ތެރެއިން ރިޖެކްޓުވާ މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަމެއްގެ ގޮތުގައި މަޖިލީހުން މީގެ ކުރިން ބެލި ބެލުމުން ސާފުވެފައިވާ ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު