ސިޔާސީގޮތުން ސިމްޕަތީ ކާޑު ކުޅެނީ ފެއިލްވުމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު، ތިން ފަހަރެއްގެ މަތިން ބޮން ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަން ސަރުކާރަށް އެނގޭކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން މިއަދު ވަނީ އެވާހަކަ މަޖިލިސް ތަޅުމުގައި ތަކުރާރު ކުރަށްވާފައެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޢަލީ ޒާހިރު މިއަދު ވިދާޅުވީ، ސިޔާސީ ގޮތުން ބަލިވެ ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން "ސިމްޕަތީ ކާޑު" ކުޅެ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެއްޖެ ކަމަށެވެ.

"އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ ފެއިލް ވެފައިވާ އުކުޅަކަށް ނޫނީ ދެން ނުވާނެ،" ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.



ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ގ. ކެނެރީގެއާއި މެރީ ބްރައުންއާއި ޔާގޫތުގޭ ކައިރީގައި ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ސާފުކޮށް އެނގިފައިވާކަން މަޖިލިހުގައި ކުރި ތަހުގީގުތަކުންނާއި އިތުރު ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިބީދައިން ވިދާޅުވީ، 6 މެއިގެ ބޮމުގެ ޙާދިސާގެ ކުރިން އެފަދަ އިންޒާރުތަކެއް ލިބެމުން ދިޔަކަން ރައީސް ނަޝީދު ސަރުކާރާ ޙިއްސާކުރަށްވަމުން ގެންދެވިކަމަށް ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަތީފް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

މި ވާހަކަ ތަކަކީ ނަޝީދަށް ތާއީދުކުރާ މެންބަރުން ސިޔާސީ އެކި ހާލަތްތަކާއި ގުޅުވައިގެން ދޭތެރެ ދޭތެރެއިން ތަކުރާރު ކުރަށްވަމުން ގެންދަވާ ވާހަކައެކެވެ.



ކިޔުންތެރިންގެ ހިޔާލު