ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިންނަވަނީ ގަހަކަށް މަކުނެއް އަރާ އިންނަ ގޮތަށް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ސަނީފް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ، އެހެން މެންބަރަކާ ރިޔާސަތު ހަވަލުކުރާނަމަ، އެކަން ކުރަންވާނީ ސަބަބު ބަޔާންކުރުމަށްފަހު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މެންބަރު އަފީފް ރިޔާސަތުގައި އިންނަވަނީ ޤަވާއިދާ ޚިލާފަށްކަމަށް ސަނީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައިސާއި ނައިބު ރައީސް މަޖިލީހުގެ ކުޑަ ދޮށުގައި ސައްލާ ކުރަން ތިއްބަވާފައި އެހެންބޭފުޅަކާ ރިޔާސަތު ޙަވާލުނުކުރެވޭނެ ކަމަށް ސަނީފްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"މަނިކުފާނު ތިއިންނެވީ، މަކުނެއް، ރާމާމަކުނެއް ސައްކެޔޮ ގަހަށް އަރާ އިންނަހެން މިއަދު ތި ގޮނޑިއަށް އަރާ. މަނިކުފާނަށް އެނގޭތޯ،" ސަނީފު ވިދާޅުވިއެވެ.

ސަނީފް އެގޮތަށް ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ޙަސަން އަފީފް ވަނީ ސަނީފްގެ ވާހަކަ މެދުކަނޑުއްވާ ލައްވާފައެވެ. އަދި އަފީފް ވަނީ ސަނީފަށް ފުރުސަތު ނުދެއްވަން ނިންމަވައިފަ އެވެ.

އެކަމާގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ސަރުކާރަށް ތާޢީދު ކުރަށްވާ މެންބަރުން ރިޔާސަތުގެ ކުރިމަތީގައި ވަނީ އިޙްތިޖާޖު ކުރަށްވާފައެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރުގެ ނަން އިއްވުމަށްފަހު، މިއަދުގެ ޖަލްސާވަނީ ނިންމަވާލައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެން އުުުޒުރުވެރިވާ ހާލަތުގައި އެކަންކުރާނެ 5 ބޭފުޅުން ކަނޑައެޅުމުގެ ފުރުސަތުދެއެވެ. އަދި އެގޮތަށް ކަނޑައަޅާ 5 ބޭފުޅުންނަކީ މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވެފައިވާ ބޭފުޅުންނަށް ވާންޖެހެއެވެ. މިގޮތުން ބޭފުޅުންތަކެެއް ކަނޑައަޅާފައިވާއިރު މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނީންނަވާ ހާލަތުގައި އާއްމުގޮތެއްގައި އިންނަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.



ކިޔުންތެރިންގެ ހިޔާލު