މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޣައިރު ޤާނޫނީ، ކޮރަޕްޓް އިޖުރާޢަތެއްގެ ދަށުން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އުވާލަން ނިންމާފައިވަނީ މެންބަރުން ހަމަނުވެގެން ދެވަނަ ފަހަރަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

އެ ނިންމުމާ ގުޅިގެން އެމްއާރުއެމްގެ ޒަޢީމް ރައީސް މައުމޫން މިއަދު ވިދާޅުވީ "މި ޣައިރު ޤާނޫނީ އަދި ކޮރަޕްޓް އިޖުރާޢަތާ ދެކޮޅަށް މަސައްކަތްކޮށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން" ކަމަށެވެ.



އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް މިއަދު ވަނީ ޕާޓީގެ މެމްބަރުންގެ އަދަދު ދަށްވެގެން ކަމަށްބުނެ ޕާޓީ އުވާލަން ނިންމި ނިންމުމަކީ ކޮރަޕްޓް ނިންމުމެއްކަމަށް ތުހުމަތު ކުރަށްވާފައެވެ.

މިކަމާއި ގުޅިގެން އިލެކްޝަނުން އެމްއާރްއެމް އުވާލަން ނިންމާފައިވާކަން އެމްއާރްއެމް އޮފީހަށް އަންގާފައިވާކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފައެވެ. ފާރިސް ކުރެއްވި ޓްވީޓެއްގައި، އެމްއާރްއެމް އުވާލަން ނިންމިކަން އަންގާފައިވާކަން ކަށަވަރު ކޮށްދީފައިވާއިރު މިފަދަ ނިންމުމެއް އިލެކްޝަނުން ނިންމާފައިވަނީ ޕާޓީގައި ހަމަވާން ޖެހޭ އަދަދަށް މެމްބަރުން ހަމަ ނުވުމުން ކަމަށް އިލެކްޝަނުން ބުނެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އަދި މިފަދަ ނިންމުމަކާއި ހަމައަށް ދިއުމުގައި އިޖުރާއަތްތަކާ ޚިލާފު ކޮރަޕްޓް އަމަލެއް ހިމެނޭކަމަށް ފާރިސް ވަނީ ތުހުމަތު ކުރައްވާފައެވެ. ފާރިސްގެ ޓްވީޓުގައި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ މެމްބަރުން ކެއްތެރިވެ ތިބުމަށާއި ސަޕޯޓަރުންގެ އެއްބާރުލުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

"މިފަދަ ނިންމުމަކާއި ހަމައަށް އައުމުގައި ބޭނުންކުރި ޕްރޮސެސްއަކީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމަށް ކުރިމަތިވަމުންދާ ކޮރަޕްޝަނާއި ޤާނޫނީ ހަމަތަކެއް ނެތްކަމުގެ ރަމްޒެއް. ހިތާމައަކީ މިކަންކަމަކީ ބަޔަކަށް ޤަބޫލުކުރެވޭ އުސޫލަކަށް ވާތީ. އަޅުގަނޑުމެން މި ޣައިރު ޤާނޫނީ ޕްރޮސެސްއާއި ނިންމުމާ ދެކޮޅަށް ވަކާލާތުކޮށް ކާމިޔާބު ހޯދާނަން." ފާރިސްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 21 ފެބުރުވަރީ 2023ގެ ނިޔަލަށް އެޕާޓީގައި ތިބީ 2،981 މެންބަރުންނެވެ.

3000 މެންބަރުން ހަމަނުވުމުން އެމްއާރުއެމަށް ފުރަތަމަ ނޯޓިސްދިނީ 2022 ގައެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭނުންވާ ޢަދަދަށް މެމްބަރުން ހަމަކުރިއެވެ.

އީސީން ބުނި ގޮތުގައި އެމްއާރުއެމަށް ދެ ވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފެބުރުއަރީ 22 ގަ އެވެ. ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު