ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވަނީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްޤުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް އެ މައްސަލާގައިވަނީ ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި އެ ޙައްޤުތައް ހަނިކޮށްފައިނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލި ގައިޑްލައިނަކުން އެޙައްޤުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަމަށް ޝިޔާމްގެ ކުއްލި މައްސަލާގައިވެއެވެ.

ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ސަމާސާ އަދަބުގެ ބޭނުންކޮށްގެން ލަވައާއި މިއުޒިކުން، ޚިޔާލެއް ފާޅުކުރުމުން ޗެނަލް-13 އަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރުދިނުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) މާ ބޮޑަށް ފުޅާކޮށް މާނަކޮށްގެން ހިންގި އަމަލެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މުސްތަޤިއްލުކަމާއެކު ވަކިބައެއްގެ ނުފޫޒަށް ތަބާނުވެ މަސައްކަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިޔާމްގެ ކުއްލި މައްސަލާގައިވަނީ ގޮވާލާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ބޭރުކޮށްލިއިރު، އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ. އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ26 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 46 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު