ރައީސް ޞާލިޙަށް އޮތް ތާޢީދުފެނި ވާދަވެރިން ގޮތްހުސްވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ ރައީސް ޞާލިޙް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ތާއިދު އޮންނަ މިންވަރު ފެންނަ މަންޒަރުތައް ބަލަން ބައެއް ފަރާތްތަކަށް އުނދަގޫވާނެ ކަމަށެވެ.

އެގޮތުން މެޖޯރިޓީއަށް ތަބާވާން ބޭނުންނުވެގެން އެމްޑީޕީން ވަކިވެގެންދިޔަ ފަރާތްތަކަށް ރައްޔިތުން އެދޭގޮތް ދާދިފަހުން ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ސާފުވާނެ ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ. ޢަލީ ނިޔާޒް ވިދާޅުވީ ރައީސް ޞާލިހްވަނީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައި ކަމަށާއި އެމަނިކުފާނު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

“އުނދަގޫވާނެ އެ ފެންނަ މަންޒަރު ބަލައިގަންނަން. ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުޅި ފ. އަތޮޅުގެ ހުރިހާ ރަށެއްގެ މެޖޯރިޓީ އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން އަޅުގަނޑުމެން ނަގާނަން.” ނިޔާޒް ވިދާޅުވިއެވެ.

ޢަލީ ނިޔާޒް މިއަދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މިއަދު ރާއްޖޭގައި އޮތް ހާލަތާ ތަފާތުކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބަށް ވާދަކުރަން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން ލެއްވީ ޖަލަށް ކަމަށާއި ނަމަވެސް މިއަދު ކޮންމެ ބޭފުޅަކަށް ވެސް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

އޭރާއި މިހާރުގެ ސިޔާސީ މަސްރަޙުގެ ތަފާތު ފާހަގަކުރަށްވަމުން ޢަލީ ނިޔާޒް ވިދާޅުވީ މެޖޯރިޓީއަށް ތަބާވާން އެނގިވަޑައިނުގަންނަވާ ބޭފުޅުން ވަކިން ޕާޓީ ހައްދަވައިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތުވެސް މިއަދު އެބައޮތް ކަމަށެވެ.

ހަމައެއާއެކު މިއީ 2018ގެ ކުރިނަމަ އެމްޑީޕީން ވަކިވެގެން ދިޔަ 12 މެމްބަރުންނަށް މިއަދު މަޖީލިހަށް ނުވަދެވޭނެ ކަމަށް ވިދާޅުވެ ޢަލީ ނިޔާޒްވަނީ އެމްޑީޕީން ވަކިވެގެން ދިޔަ މެންބަރުންނަށްވެސް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު