މީހުންގެ އަބުރު ކަތިލުމަކީ ސިޔާސީ އުކުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު އަސްލަމް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙަށް ނިސްބަތްކޮށް ވަނަމެއް ކިޔުމުން އެކަމާ ކަންބޮޑުވެގެން އުޅުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ވެރިންނަށްވެސް ފާޑުފާޑުގެ ނަންތައް ކިޔައި އެގޮތަށް މުޚާތަބުކުރަމުން ގެންގޮސްފައިވާ ކަމަށާއި އެއީ ސިޔާސީ އުކުޅެއް ކަމަށެވެ. އަދި އެނަންތައް ރައްޔިތުންގެ މަޖިލީހުގައާއި ރާއްޖޭގެ އެތައް ތަނެއްގައި އެކި ގޮތްގޮތަށް ކިޔައި ގޮވާ ހަދާފައިވާ ކަމަށާއި ގޮވަމުން ގެންދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން މެންބަރު އަސްލަމް މިއަދު ވިދާޅުވީ މީހުންގެ އަބުރަށް އަރައިގަނެ، ހިތުހުރި އެއްޗެއް ގޮވައި ދޮގު މަޢުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީއަށް ތަބާވާ، ޑިމޮކްރަސީގެ ހަމަތަކުން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެއީ ދޮގު މަޢުލޫމާތު ފަތުރާ ޕާޓީއެއް ނޫން ކަމަށެވެ.

“ހިތުހުރިހާ އެއްޗެއް ގޮވަންވީއެއްނޫން. ކޮންމެ މީހެއްގެވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއްކަމުގައި އަޅުގަނޑު ނުދެކެން.” އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް މިމޭރުމުން ރައީސް ނަޝީދަށް ރައްދު ދެއްވާފައިވާއިރު ރައީސް ޞާލިޙަށް ހުތުރުބަހުން މުޢާމަލާތްކޮށް ގެނެސްދިން ކޮންޓެންޓެއްގެ މައްސަލާގައި ބްރޯޑްކޮމް އިން ވަނީ ރާއްޖޭގެ މީޑިއާއަކަށް އިންޒާރުދީފައެވެ. އަދި އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުމުން މެންބަރުންގެ އަޣުލަބިއްޔަތުންވަނީ މައްސަލަ ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު