ޑިމޮކްރެސީގެ ބައްޕަ ހެދިގެން އުޅުއްވާ ރައީސް ނަޝީދަކީ އިންތިޚާބުން ބަލިވުމުން ބަލި ގަބޫލުކުރަށްވާ ބޭފުޅެއް ނޫންކަމަށާއި ނަޝީދު ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުން މިހާރު އަންނަނީ ހިނިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުން މިހާރު އަންނަނީ ހިނި ކަމަށެވެ. އެގޮތުން މިހާރުވެސް ރައީސް ނަޝީދު ގެންދަވަނީ އެއްޕާޓީގައި ހުންނަވައިގެން އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ ސިޔާސީ ގޮތުންވެސް ދައްކަން ޖެހޭނީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކަ ކަމަށެވެ. އަދި ހިތަށް އަންނަ ކޮންމެ އެއްޗެއް ކިޔުމަކީ ޑިމޮކްރަސީ ނޫންކަމަށާއި އެގޮތަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެކަން ޤަބޫލުކުރާނެ ރައްޔިތެއް މިއަދު މިޤައުމުގައި ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިއަދު ތިމާ ޕްރައިމަރީއަކުން ބަލިވީ ދުވަހު ކޮބައިތޯ އެއްކަލަ ރީތި ޑިމޮކްރެސީގެ އުސޫލު. ހަނދާނެއް ނެތް. ޑިިމޮކްރެސީ އޮޔާއި ވަޔަށް ހިނގައްޖެ." ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ބަލިވުމުން ނަތީޖާ ގަބޫލު ނުކުރެއްވުމަކީ ރައީސް ނަޝީދު ޑިމޮކްރަސީއަށް ތަބާނުވުން ކަމަށެވެ. އަދި މީގެކުރިން ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަކަމަށް ބަޔަކު ގަބޫލުކުރިޔަސް މިހާރު އެކަން ބަލައިގަންނަ ބަޔަކު ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ރޮޒައިނާ ވާހަކަފުޅު ދައްކަވާފައިމިވަނީ ރައީސް ޞާލިޙަށް ނިސްބަތްކޮށް ‘ވަނަމެއް’ ކިޔުމުން އެކަމާ ކަންބޮޑުވެގެން އުޅުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު