މެންބަރުންގެ ސުވާލުތަކަށް ވަޒީރުންގެ ފަރާތުން އަވަސް ޖަވާބު ހޯދޭނެ މަގަކީ ބަރުލަމާނީ ނިޒާމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބިދޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް، ގިނަ ފަހަރު އެ ޖަވާބު ލިބެން ތިން މަހެއްހާ ދުވަސް ނަގާ ކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް ވިދާޅުވުމާ ގުޅިގެންނެވެ.

"އަޅުގަނޑު އިއްޔެ ވެސް ގުޅިން މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ފޮނުވާފައި ހުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބިގެން. އަޅުގަނޑަށް ދެއްވި ޖަވާބަކީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެނީ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުލިބި ލަސްވަނީ ހަމައެނި ވަޒީރުގެ ސަބަބުން ނޫންކަމަށާއި އެކަމުގައި ސިސްޓަމްގެ މައްސަލައެއްވެސް އުޅޭ ކަމަށެވެ. އެގޮތުން އެކަމަށް އޮތް ޙައްލަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ ނިޒާމް ޕާލިމަންޓަރީ ނިޒާމަކަށް ނޭނބުރި، މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުންދާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މެންބަރުން ފޮނުއްވާފައިވާ ސުވާލުތަކަށް ބަލާއިރު ކޮންމެ ދުވަހަކު 10 ވަރަކަށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެންވެސް މެމްބަރުން ކުރައްވާފައިވާ ސުވާލުތަކުގެ ބެކްލޮގު ސާފުކުރެވޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

ރައީސް ނަޝީދަކީ ރާއްޖޭގައި އޮންނަން ކަމުދަނީ ބަރުލަމާނީ ނިޒާމެއްކަމަށް ވިދާޅުވެ އެކަމަށް ވަކާލާތު ކުރަށްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު