ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ރިފްޢަތު ޖަވާބު ދެއްވީ ލިޔުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހާމަކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް ތާވަލު ކޮށްފައިވާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ބަންޑާރަ ނާއިބު ލިޔުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެލެއްވުމަށެވެ.

މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް ދޭން ނިންމާފައި ވަނީ 30 މިނެޓެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލައަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލައަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.

“ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިއުމުން ޖަވާބު ދެއްވަން. އެހެންވީމާ މިއީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަ ކުރަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ޢަމަލުކުރާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި މި މައްސަލައިގައި މިފަދަ މައްސަލަތަކުގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރުވަނީ މިކަމުގައި ޢަމަލުކުރާނެގޮތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ނިންމަވައި މަޖިލީސް ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑުއްވާ ލައްވާފައެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީން މިހާރު ވަކިކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، ޕީޕީއެމާއި، އެމްއެންޕީ އާއި، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.

މި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ.

މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އިމާ ގުޅޭ މި މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ދިވެހިރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 44 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ތާޢީދު ތިރީހަށް ނާރައެވެ.



ކިޔުންތެރިންގެ ހިޔާލު