އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ލިޔުމުން ޖަވާބުދެއްވުމުން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ މަޝްވަރާ ކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް ތާވަލު ކޮށްފައިވާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ބަންޑާރަ ނާއިބު ލިޔުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގެންނެވުމަށެވެ.

އެކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އާންމު ކޮމިޓީއިން ނިންމާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެގެން ޖަވާބުދެއްވާނެ އުސޫލުކަމަށެވެ. އަދި އެއީ ބަހުސް ފެށުމުގެ ކުރިންނާއި، ބަހުސްގެ މެދު ތެރެއިންނާއި، ބަހުސް ނިމުމުން 10 މިނެޓުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ޖަވާބުދާރީވުމަށް ލިޔުމުން މަޖިލީހަށް ހުށައެޅުއްވުމުން ދެން ކަންކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ނިންމާފައިނުވާކަމަށް މެންބަރު ވިދާޅުވިއެވެ.

ބަންޑާރަނާއިބު ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ނިންމެވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މީގެ ކުރިންވެސް އާއްމު ކޮމިޓީން ނިންމަނީ މަޖިލީހަށް ވަޒީރު ހާޒިރުވެވަޑައިގަންނަވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ކަމަށެވެ. އަދި އެއީ ކުރިން ވެސް ޢަމަލުކުރަމުން އައި އުސޫލުކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ބަންޑާރަނާއިބު ޢަމަލުކުރަށްވާފައިވަނީ ޑިމޮކްރަސީ އާއި ބީރައްޓެހިކޮށް ކަމަށާއި މިއީ ޑިމޮކްރަސީގައި ބަަނަ ދުވަހެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ވެރިކަން ހިންގާ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައްސަލައިގައި މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެފައި ވަނިކޮށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މައްސަލައަށް ޙައްލެއް ހުށައަޅުއްވާފައެވެ. އޭނާ ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާއި މަޝްވަރާކުރައްވައިގެން މިކަމަށް ހައްލެއް ހޯއްދެވުމަށް ލަފާދެއްވާފައެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ޝިފާއުގެ އެ ނިޒާމީ ނުކުތާ ބަލައިގަންނަވާއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ޢަމަލުކުރާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި މި މައްސަލައިގައި މިފަދަ މައްސަލަތަކުގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރުވަނީ މިކަމުގައި ޢަމަލުކުރާނެގޮތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ނިންމަވައި މަޖިލީސް ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑުއްވާ ލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު