ބަންޑާރަނާއިބު ލިޔުމުން މަޖިލީހަށް ޖަވާބުދާރީވުމުގެ މައްސަލާގައި ރައީސް ނަޝީދު ބޭނުންފުޅު ވަނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ޖަވާބު ލިޔުމުން ފޮނުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ބަންޑާރަނާއިބު މަޖިލީހަށް ޙާޟިރުވެ ޖަވާބުދާރީ ވެވަޑައިގަންނަވާނެކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ރިޔާސަތަށް އަންގާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ޢަމަލުކުރާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި މި މައްސަލައިގައި މިފަދަ މައްސަލަތަކުގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމާގުޅިގެން މަޖިލީހުގައި ޕާޓީތަކުގެ ލީޑަރުން ކުރެއްވި މަޝްވަރާގައި ޙައްލެއް ލިބިފައިނުވާތީ ރައީސް ނަޝީދު ވަނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ނިންމަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވުމަށް އިންކާރުކުރީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އާއި އެމްއެންޕީން ކަމަށެވެ.

"ގާނޫނުއަސާސީގައި ބަންޑާރަ ނައިބަށާއި ވަޒީރު ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން ބުނާ ގޮތުގައި ކިތާބީ ހެއްކާ އެކުގައި، ޑޮކިއުމެންޓްރީ އެވިޑެންސާ އެކުގައި މި ތަނުގައި ޖަވާބުދާރީވެވަޑައިގަތުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތްގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަނާއިބު ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ނިންމެވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މީގެ ކުރިންވެސް އާއްމު ކޮމިޓީން ނިންމަނީ މަޖިލީހަށް ވަޒީރު ހާޒިރުވެވަޑައިގަންނަވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ކަމަށެވެ. އަދި އެއީ ކުރިން ވެސް ޢަމަލުކުރަމުން އައި އުސޫލުކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް ދޭން ނިންމާފައި ވަނީ 30 މިނެޓެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލައަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލައަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.



ކިޔުންތެރިންގެ ހިޔާލު