ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރި މައްސަލާގައި ސުޕްރީމްކޯޓުންވަނީ މަޖިލީހަށް ލަފައެއްދީފައި ކަމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިމޭރުމުން ވިދާޅުވީ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކުރުމަށް ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ މައްސަލަތަކުގައި މަޖިލީހުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށެވެ.

މި މައްސަލާގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާމަނިކު މިއަދު ވިދާޅުވީ ކުރީގެ ނައބުރައީސް ޑރ. ޖަމީލު މަޤާމުން ވަކިކުރީ މަޖިލީހުގެ ތަޅުމަށް ޙާޒިރުކޮށްގެން ނޫން ކަމަށެވެ. އަދި ޑރ. ޖަމީލުވެސް ޖަވާބުދާރީވެފައިވަނީ ލިޔުމުން ކަމަށް މޫސަ ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން ޑރ ޖަމީލް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީމަ ނިންމީ މަޖްލީހުން ކަންކުރިގޮތް ރަނގަޅުކަމަށް. އެއޮތީ ސުޕްރީމް ކޯޓުގެ ލަފާ ލިބިފަ ނޫންތޯ!" މޫސާ މަނިކު މިއަދު ވިދާޅުވިއެވެ.



ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މި މާއްދާގައި "އަނގަބަހުންނާއި ލިޔުމުން" މިހެން ލިޔެފައިވުމުން އަނގަބަހުން ޖަވާބުދާރީ ވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މާއްދާގައި "އަނގަބަހުން ނުވަތަ ލިޔުމުން" މިހެން ލިޔެއޮތްނަމަ ކޮންމެވެސް އެއްގޮތެއް އިހްތިޔާރު ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ބަންޑާރަ ނައިބު ބޭނުންފުޅު ވާނަމަ ދިފާއު ދޫކޮށްލެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު