ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސް
ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސް
އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ރޭ އެސްޓަން ވިލާއާ ވާދަކުރި މެޗު 2-0 އަކުން ކާމިޔާބުކުރި އިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ސައުތްހެމްޓަން ބައްދަލުކުރި މެޗު 1-0 ސައުތްހެމްޓަން ކާމިޔާބުކޮށް މިދިޔަ ސީޒަންގެ ޗެމްޕިއަނުން ހައިރާން ކޮށްލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 71 ވަނަ މިނެޓްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހާދިނީ ސާޑިއޯ މާނޭއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮނިހިރު ދުވަހު ލިވަޕޫލާއެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރި ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސްއެވެ. މިއީ ޖޯންސް ލީގުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ރޭގެ މޮޅާއެކު ލިވަޕޫލުން މިވަނީ މިސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު 17 މެޗުން ވެސް މޮޅުވެފައެވެ. އަދި ސީޒަންގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރިކޯޑާ ވެސް ގާތަށް ޖެހިލާފައެވެ. މި ރިކޯޑް މިހާރު އޮތީ ސީޒަނެއްގައި 100 ޕޮއިންޓް ހޯދި ސިޓީ އަތުގައެވެ. އެހެން ނަމަވެސް ބާކީ އޮތް ފަސް މެޗުން ބާރަ ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ސިޓީގެ ރިކޯޑް މުގުރާލެވޭނެއެވެ.

ރޭ ސިޓީއާއި، ސައުތްހެމްޓަން ބައްދަލުކުރި މެޗުގައި ސައުތްހެމްޓަން އަށް ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ އެޑަމްސްއެވެ. މިއީ އޭނާ ސައުތްހެމްޓަންއާ ގުޅުނު ފަހުން ޖެހި ފުރަތަމަ ލަނޑެވެ. ސައުތްހެމްޓަންގެ ލަނޑަށް ފަހު ސިޓީ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސައުތްހެމްޓަންގެ ކީޕަރު އެލެކްސް މެކާތީ ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ސިޓީއާ ކުޅުމުގެ ކުރިން ހޯދި ނަތީޖާތަކުން ސައުތްހެމްޓަން ވަނީ ސާޅީސް ޕޮއިންޓް ހަމަކޮށް ރެލިގޭޝަންގެ ބިރުން ސަލާމަތްވެފައެވެ. އެހެން ނަމަވެސް ރޭގެ ބައްޔާއާއެކު އެސްޓަން ވިލާ އަދި ވެސް އޮތީ ތާވަލުގެ ފުލުން ތިންވައިގައި ރެލިގޭޝަން ޒޯނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން