7 ފެބްރުއަރީއަކީ ވެރިކަން ކުރަން ނޭނގިގެން ރައީސް ނަޝީދު އަމިއްލައަށް ގެނައި ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރަށްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ތާޢީދުކުރަށްވާ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. އެކަމަށް އިޝާރާތް ކުރަށްވާ ރީކޯ މޫސަ ވިދާޅުވީ 7 ފެބްރުއަރީގެ ބަޣާވާތަކީ ޢުމަރު ނަސީރާއި ކުރީގެ ރައީސް ވަޙީދާއި އެމްއެންޕީގެ ލީޑަރ މުޙައްމަދު ނާޒިމާއި ގުޅިގެން ރައީސް ނަޝީދު ހިންގެވި ޢަމަލެއްކަމަށެވެ.

އަދި ރޭވަނީ އެކަން ސާބިތުވެފައިކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ރައީސް ނަޝީދު އިސްތިޢުފާދެއްވި ބަޣާވާތާ ގުޅިގެން އެތައްބަޔަކަށް އަނިޔާތަކެއް ލިބުނު ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންނާއި އެމްޑީޕީގެ މެންބަރުން ޖަޒްބާތުގައި ނުޖައްސައި ވެރިކަން ކުރަން ނޭނގިގެން އިސްތިޢުފާ ދެއްވަނީކަމަށް ވިދާޅުވިނަމަ އިތުރު ބަޔަކަށް އަނިޔާ ނުލިބުނީސް ކަމަށް މޫސަ ވިދާޅުވިއެވެ.

“އުމަރު، ވަހީދު، ނާޒިމްމެންނާ ގުޅިގެން ނަޝީދު ކުރުވި ކަމެއްކަން ރޭގަ މިއެނގުނީ. އެވަރުގެ އަނިޔާއެއް އެތައްބަޔަކަށް ނުދީ އިސްތިއުފާ ދިންނަމަ. ބާޣީ ނަޝީދު.” ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.

ހަތެއް ފެބްރުއަރީގެ ހާދިސާއަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަލާމަތީ ބާރުތަކާއި ގުޅިގެން ހިންގި ބަޣާވާތެއް ކަމަށް އެމްޑީޕީއާއި ރައީސް ނަޝީދުވެސް ބައެއް ފަހަރު ބައެއް ހާލަތްތަކުގައި ސިފަ ކުރަށްވަމުން ގެންދަވާއިރު މިއަދު އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރުގައި އޭރުގެ އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން ހިމެނޭތީ ގިނަ ބަޔަލު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެގޮތުން އޭރުގެ ހަރަކާތުގައި އެންމެ އިސްކޮށް ތިއްބެވި ކަމަށް ބުނާ މިހާރުގެ ހޯމް މިނިސްޓަރ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި އަދި ވެސް އޭރުގެ އިދިކޮޅުގައި ތިއްބެވި ގިނަ ލީޑަރުން މިހާރު ތިއްބެވީ އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން