ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ބައިވެރިން އިންޑިއާ އައުޓް ބެނާ ދެމީ ސަރުކާރުން އަންގައިގެން ކަމަށްބުނެ ދައްކާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

އެ ޖަލްސާގައި އިންޑިއާއައުޓް ބެނާ ދަމާފައިވަނީ ޒުވާން ކުދިންތަކެކެވެ. އަދި އެކުދިންވަނީ އިންޑިއާއައުޓް ބެނާއާއެކު ފޮޓޯއެއް ނެގުމަށްފަހު ޖަލްސާ ދޫކޮށް ގޮސްފައެވެ.

މިމައްސަލާގައި އިދިކޮޅު ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ޖަލްސާގައި އިންޑިއާ އައުޓް ބެނާ ހިފައިގެން ތިބީ ސަރުކާރުން ފޮނުވި ބައެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އިދިކޮޅުން ހިންގާ ޙަރަކާތްތަކަށް ސަރުކާރުގެ ޝައުޤުވެރިކަމެއް ނެތްކަމަށާއި ބެނާ ދެމުމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

“އެއް ބަޔަކު އަނެއް ބަޔަކަށް ލަނޑުދިނީމަ އެކަމުގެ ތެރެއަށް ސަރުކާރު ވައްދަނީ.” މިއުވާން ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ގޮވާލާ ބޭއްވި ހަރަކާތުގައި އިންޑިއާ އައުޓް ބެނާ ދެމުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަންކުރީ ސަރުކާރުން ފޮނުވި ކުދިންތަކެއްކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު