ވަކި މީހަކު ނެތިގެން އެމްޑީޕީއަށް ބަދަލެއް ނާންނާނެ ކަމަށް އެޕާޓީގެ އިސް ލީޑަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރަށްވާ ރައީސް ޞާލިޙް މިއަދު ވިދާޅުވީ ކުރިޔަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ސިޔާސީ ބޭފުޅުން ތިއްބަވާނެތަން ކަޑައަޅުއްވައި ނިންމަވާނެކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ އޮންނާނީ އެމްޑީޕީގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

“ވަކި މީހަކު ހުރެގެން ނުވަތަ ވަކި މީހަކު ނެތިގެން އެމްޑީޕީއަކަށް ބަދަލެއް ނާންނާނެ.” ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ވަކި ވިސްނުންތަކެއް ޤަބޫލުކުރާ ޖަމާޢަތެއްކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ އެއީ ވަކިބަޔަކަށް ހިފައިގެން ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީން މަސައްކަތް ކުރާނީ އެވިސްނުންތައް ކުރިއަރުވަން ކަމަށާއި އެކަމުގެ ސަބަބުން ފައިދާވެގެން ދާނީ މުޅި ރާއްޖެއަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ދަނީ ތައްޔާރުވަމުން ކަމަށާއި މެނިފެސްޓޯގެ މަސައްކަތްތައް މުޅިރާއްޖޭގައި މިވަގުތުވެސް ހިންގަމުން ގެންދާ ކަމަށެވެ.

“އަޅުގަނޑަށް މިއަދު ފެންނަ މަންޒަރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޕީން ބޮޑުތަނުން ކާމިޔާބުކުރާ މަންޒަރު.” ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ކުރަށްވާ ދަތުރަކީ އައްޑޫގެ މުހިއްމު ދެ މަޝްރޫޢެއް ފެށުމަށް ކުރެއްވި ދަތުރެއް ކަމަށެވެ. އަދި އެ މަޝްރޫޢުތައް ކުރިއަށްދާނީ އައްޑޫ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ދެ ޕްރޮޖެކްޓަކީ އައްޑޫ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ކަމަށެވެ.

ރައީސް ވިދާޅުވީ މުޅިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސަރުކާރުގެ ވަޢުދުތަކުގެ 90 އިންސައްތަ ވަޢުދު މިހާރު ފުއްދިފައިވާ ކަމަށެވެ. އަދި މި ސަރުކާރަކީ ކަންނިންމާ ދައްކާ ޕާޓީއެއް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު