ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އާދަމް ޝަރީފް ޢުމަރު ދެކޮޅު ހައްދަވައިފިއެވެ.

މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި އަނގަބަހުން ޖަވާބުދާރީވުމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ވަނީ ޙާޟިރުވެ ވަޑައިގެންފައެވެ.

އެކަމާގުޅިގެން އިދިކޮޅު މެންބަރުން ގެންދަވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅުއްވައި ނިޒާމީ ނުކުތާ ނަންގަވަމުންނެވެ. އެގޮތުން މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާކުރި ދުވަހު ބަންޑާރަ ނާއިބު މަޖިލީހުގެ ތަޅުމަށް ޙާޟިރުނުވި ސަބަބާމެދު މެންބަރުން ދަނީ ސުވާލު ކުރަށްވަމުންނެވެ.

މަޖިލީހުގެ ރިޔާސަތުން މައްސަލަ ހުށަހަޅައި ދެއްވުމަށް އާދަމް ޝަރީފަށް ފުރުސަތު އެރުވުމުން، އޭނާ ވަނީ މައްސަލަ ހުށަހަޅަން ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ކުރީ ދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވަން ނިންމެވި ނިންމުން ބަދަލުކުރެއްވި ސަބަބު ސާފުނުކޮށް، މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

އާދަމް ޝަރީފް ވަނީ މައިނޯރިޓީ ލީޑަރާއެކު މަޝްވަރާ ކުރައްވަން ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެހެންކަމުން ރިޔާސަތުން ވަނީ މިއަދު ދެވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލައްވައި، އެ ފުރުސަތު ދެއްވައިފަ އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުންވަނީ އާދަމް ޝަރީފް މައްސަލަ ހުށައެޅުއްވުމަށް ބޭނުންނުވާތީ، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލަން ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު