އިދިކޮޅު ފަރާތްތަކުން މިއަދު ދަނީ ސިޔާސީ ލަނގިރިޖަހަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރަށްވަމުން ޝިފާއު މިއަދު ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް އިތުބާރު ކުރާ ކަމަށާއި ސަރުކާރުން ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު ޙިމާޔަތް ކުރާނެކަން ރައްޔިތުން ޝައްކެއްނެތި ޤަބޫލުކުރާ ކަމަށެވެ.

ޝިފާއު ވިދާޅުވީ މި ސަރުކާރުގެ ކާމިޔާބީއާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރުދަނީ ސިޔާސީ ލަނގެރި ޖަހަމުން ކަމަށާއި އަދި ކޮންމެ ގޮތަކަށް ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ފަސޭހަކަމާއެކު ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

“ރައްޔިތުން ކުރިމަތީގައި މި ބޭފުޅުން ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތުނީމާ މިއަދު މިފެންނަނީ ސިޔާސީ ލަނގިރި ޖަހާ މަންޒަރު.” ޝިފާއު ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ވެރިކަން ކުރާނެ ފުރަތަމަ ރައީސް އަކީ ރައީސް ޞާލިޙް ކަމަށާއި އެމަނިކުފާނަށް އެފުރުސަތު ދިނުމަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

“ސާފުކޮށް ދަންނަވަން. ދެނެއް މިކަމެއް ނުހުއްޓުވޭނެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ކާމިޔާބު ކުރާނެ.” ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިއަދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށާއި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހެއްގައި ރައްޔިތުންގެ މަސްލަޙަތުނޫން ކަމެއް އިސް ނުކުރާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަޒީރުންގެ އިތުބާރުގެ މައްސަލަ ހުށައަޅައިގެން ގައުމު ހަލަބޮލިކުރަން ކަމަށާއި އެފުރުސަތު ނުދޭނެ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން މިއަދުދަނީ މަރުފަލި ޖަހަމުން ކަމަށާއި އިޓްލޮސްގައި ރާއްޖެ މޮޅުވުމުން ބެންޗުގައި ތިބެ ޝަކުވާ ކުރާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ޝިފާއު މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު