ހިޔާ ޓަވަރެއްގެ ދެ ޔުނިޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމަންޓްގެ މެދުފާރު ރޭނުމަށް އަރބަންކޯއިން އިތުރު 7 ދުވަސް ދީފިއެވެ.

އަރބަންކޯއިން މީގެކުރިން ވަނީ އެފްލެޓްތަކުގެ އެއްބަސްވުން ބާތިލުކުރަންވެސް ނިންމާފައެވެ. ނަމަވެސް އާބަންކޯއިން މިއަދު ބުނީ، ފްލެޓު ކުރިންް ހުރިގޮތަށް ބަދަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެތަނުގެ ވެރިން އާބަންކޯއަށް ހުށަހަޅާފައިވާ ކަމަށާއި، އެމީހުން ހުށަހެޅި ސަބަބުތަކަށް ބަލައި އިތުރު ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައި ވާކަމަށެވެ.

އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ހިޔާ ދެ އެޕަރޓްމަންޓެއްގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާ މައްސަލައިގައި ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށްވެސް ވަނީ އަންގާފައެވެ.

ނަމަވެސް ޔުނިޓްތަކުގެ ވެރިފަރާތްތަކުން އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އެހެންކަމުން، 14 ދުވަސް ތެރޭގައި އާބަންކޯ އާއި ފުލެޓް ހަވާލުކުރުމަށް ފްލެޓްގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަނުން އެއް ފްލެޓަކީ "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ ފްލެޓެވެ. އަދި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ. އަދި ޝަމާލްގެ ފްލެޓަށް ގަވާއިދުން ކުލިވެސް ނުދައްކާކަން ވަނީ އެނގިފައެވެ.

ފްލެޓްތައް އަތުލުމަށް ނިންމި މައްސަލަ ފްލެޓްތަކުގެ ވެރިފަރާތުންވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން