ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް ރައީސް ޞާލިޙްގެ ތާޢީދު އެބައޮތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސް ޞާލިޙްގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ ނިންމުމަށް ރައީސްގެ ތާއީދު އޮންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

"ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާއެކު ރައީސް ވަޑައިގަންނަވާނީ. މަޝްވަރާތައް ކުރެވިގެން ކަންކަން ދަނީ." މިއުވާން މިއަދު ވިދާޅުވިއެވެ.

54 މެންބަރުންގެ ތާޢީދާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އިއްޔެ ހުށައަޅާފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. މިވަގުތު އެމްޑީޕީގެ ރައީސްކަމުގެ މަޤާމުގައިވެސް ހުންނެވީ ރައީސް ނަޝީދެވެ.

ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު