ރައީސް ނަޝީދަށް ބުއްދި ބޭނުންކުރަން ނޭނގޭ ކަމަށް ވިދާޅުވެ އެކަމުގެ ހެކިތަކެއް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހާމަކުރަށްވައިފިއެވެ.

ރޮޒައިނާ މިމޭރުމުން ވިދާޅުވީ ރައީސް ނަޝީދު ސިކުނޑިފުޅު ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށާއި ކަރާމާތުގެ ދުލި އެލުވަައިގެން ސެލްފީ ނެންގެވުމަށް ނޫން ކަމަށް މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.

އިންތިއަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ސިކުނޑިއެއް ހުރެގެން ބުއްދި ބޭނުންކުރަން އެނގޭނަމަ 5 އަހަރު ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވުނީސް ކަމަށެވެ. ހަމައެއާއެކު އެމްޑީޕީގެ މެންބަރުންގެ އިތުބާރު ދަމަހައްޓައި 5 އަހަރު މަޖިލީހުގެ ރިޔާސަތުގައި އިނުމުގެ ބުއްދި ހުރީސްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“ރައީސް ނަޝީދުގެ ސިކުނޑިއެއް އިނދެގެން އެބޭނުން ކުރަން އެނގޭނަމަ ވެރިކަމުގެ 5 އަހަރުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް! މަޖިލިސްގެ ރައީސްކަން ދިނީމަ ތިމާގެ އިތުބާރު 5 އަހަރު ވަންދެން ހިފަހައްޓާނެ ބުއްދި ހުރީސް! އެމްޑީޕީގެ ޢާންމު މެމްބަރުންގެ އިތުބާރު ހިފެހެއްޓުނީސް.” ރޮޒައިނާ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ މަޖިލީސް މެންބަރުން މިހާރުވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައެވެ. އަދި އެ މައްސަލަ ޤަވާއިދާ އެއްގޮތަށް ކުރިއަށް ދާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.



ކިޔުންތެރިންގެ ހިޔާލު