އަހުމަދު ޝާހް   10 ޖޫން 2023 - 19:47
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހަވާލުކުރުމާގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޤާސިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޖޭޕީގެ ލީޑަރ ޤާސިމަށް މަރުޙަބާ ވިދާޅުވެފައިވާއިރު އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާޢީދު ނުކުރަށްވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް" ޤާސިމަށް މަރުޙަބާ ވިދާޅުވުމަށްފަހު ރައީސް ނަޝީދު ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ޕާޓީތަކުން ދަނީ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ފަރާތްތަކުގެ މެދުގައި ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް އެކަމުގައި މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ، ސެޕްޓެމްބަރު 9ވަނަ ދުވަހު އެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމް، އެމްޑީޕީ، އެމްއެންޕީ އަދި ޖޭޕީން ވަނީ އެޕާޓީތަކުގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތްތަކަށް ރިޔާސީ ޓިކެޓް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު