ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބުރައީސް އީވާގެ ފަރާތުން މިހާރު ފެންނަނީ ޚުދުމުހުތާރުކަން ކަމަށް މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވީ ނަމަވެސް މަޖިލީހުގެ ޢާއްމު ކޮމިޓީން އެކަމުގައި ވަކިގޮތެއް ނިންމާފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ވަނީ އަންގާފައެވެ.

އަދި އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއްނެތި މަޖިލީސްވަނީ މަރުތަޅު އެޅިފައެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ދިމާވެގެންއުޅޭ މައްސަލައަކީ ރައީސް ނަޝީދާއި، އީވާ އެބޭފުޅުންގެ މަޤާމުތަކުން ދުރަށްދާން ބޭނުން ނުވުން ކަމަށެވެ. އެހެންކަމުން އެއީ ހުދުމުޚުތާރުވުން ކަމަށް މޫސަ ވިދާޅުވިއެވެ. މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަނަށް އަންނަ ބަދަލުތަކަކީ މަޖިލީސް ހުއްޓޭނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވުމަކީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާލެވޭނެ ސަބަބެއް ނޫންކަމަށެވެ. އެގޮތުން މަޖިލީހުގައި މެދުކެނޑުމެއްނެތި އެންމެ ގިނަދުވަހު އިންނެވި މެންބަރަކު ރިޔާސަތުގައި ބައިންދައިގެން ޖަލްސާތައް ކުރިއަށް ގެންދެވޭނެކަމަށް މޫސަ ވިދާޅުވިއެވެ.

“މިހާރު މިހެއްދެވި ގޮތަކީ ކުއްލިޔަކަށް ޚުދުމުހުތާރުކޮށްލީ. މަޖިލީހުގެ ރައީސް ބޭނުން ނުވެއްޖެއްޔާ މިހެނެއް ނުހެދޭނޭ. ދެން މަޖިލީހުގެ ރައީސް މި އިންނަވަނީ އެތަނުގަ ހިފަހައްޓައިގެން ފައިން އަރައިގެން އެކަން ނުކުރާންވެގެން.” މޫސަ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް އީވާ ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފިއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ.

އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ނިއުޝާއަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު