ރައީސް ނަޝީދަށް ލިބުނީ އެމްޑީޕީގައި އިސްކޮށް އުޅުއްވި ބޭފުޅުން ހޯއްދަވައިދެއްވި ތާޢީދު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ގޮނޑި ލިބިފައިވަނީ ރައީސް ނަޝީދުގެ ތާއީދާއެކީގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން މެންބަރުންނަށް ހަޖޫ ޖަހަމުންދާކަމަށެވެ.

އެހެން ނަމަވެސް ޙަޤީޤަތުގައި ރައީސް ނަޝީދަށް ލިބިފައިވާ ތާޢީދަކީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އެމްޑީޕީގައި އޭރު ތިއްބެވި އިސް ފަރާތްތަކުން ރަށްރަށުގައި ކުރި މަސައްކަތުން ލިބުނު ތާޢީދެއް ކަމަށް މޫސަ ވިދާޅުވިއެވެ.

“އަހަރުމެން ހޯދާދިން ތާއީދަކާއެކީ އުމުރަށް މުސާރަ ކަށަވަރުވެފަ އެހުރީއޭ ބުނަންވީނު؟” މޫސަ ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީގެ ފަންސާހަށްވުރެ ގިނަ މެންބަރުން ސޮއި ކުރަށްވާފައި ވާއިރު އެމެންބަރުން މަޖިލީހަށް ހޮވިފައިވަނީ ރައީސް ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށްބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުންދަނީ މެންބަރުންނަށް ފާޑު ކިޔަމުންނެވެ.

ރީކޯ މޫސަ މީގެ ކުރިންވެސް ވިދާޅުވެފައިވަނީ އެމްޑީޕީއަކީ އެޕާޓީގެ މެންބަރުންގެ ޙައްޤެއް ކަމަށެވެ. އަދި އެއީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫންކަމަށް ރީކޯ ވިދާޅުވިއެވެ.

2016 ގައި އެމްޑީޕީގެ ލީޑަރޝިޕާދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީން ވަކިކުރި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ދާދިފަހުންނެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ވިދާޅުވީ އެމްޑީޕީގެ އޮޑި ބަނދެފައިވަނީ އެހާ ފަސޭހައިން ފައްތާލެވޭނެ ގޮތަށް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ބައެއްފަރާތްތަކުން ގެންދަވަނީ ‘ދަ ޑިމޮކްރެޓްސް’ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު