ރީ-ރަޖިސްޓްރީވާން އީމެއިލުން ފޮނުވާ ފޯމުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެތީ، އީމެއިލުން އަންނަ ފޯމް ބަލައި ނުގަންނާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފިއެވެ.

އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށް ޓަކައި ރީ-ރަޖިސްޓަރީކުރުމާާއި ބެހޭ ގޮތުން ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކ،ު ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެ މީހަކު ނޫޅޭކަމުގައިވާނަމަ، އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ނެގުމަށް ކަނޑައެޅިފައިވާ ޤައުމެއްގައި ހުރެ، ރިޔާސީ އިންތިޚާބުގައި އެ މީހަކު ވޯޓު ލުމަށް ބޭނުންނަމަ، ވޯޓުލާ ދުވަހު އެ މީހަކު ހުންނާނެ ތަނެއް، އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި ރީ-ރަޖިސްޓްރީ ކުރުމަށް ބުނެފައިވާ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީކުރަން ވާނެއެވެ.

އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓު ލުމަށް ޓަކައި ރަޖިސްޓަރީވާން ބޭނުންނަމަ އެކަމަށް ކޮމިޝަނުން އާންމުކޮށް އިޢުލާނުކޮށް އަންގާ ގޮތެއްގެ މަތީން އެ މީހެއްގެ މަޢުލޫމާތު ކޮމިޝަނަށް ނުވަތަ ކޮމިޝަނުން ކަނޑައަޅާ ތަނަކަށް، ކަނޑައަޅައިފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ނުވަތަ ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހަޅަންވާނެ ކަމަށް އެގަވާއިދުގައި ބުނެފައި ވެއެވެ. މިގޮތުން އީމެއިލުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ކޮމިޝަނުން ފޯމު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ނުވަތަ އިދާރާއަކަށް ފޮނުވާ ފޯމުގެ ޞައްޙަކަން ކަށަވަރުކުރަން ދަތިވާނެތ،ީ އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހު އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެ ތަނަކީ އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއް ނަމަ، އެ ތަނެއްގައި ރަޖިސްޓަރީ ކުރުމަށް ކޮމިޝަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންވާނެ ކަމަށާއި، މި މާއްދާގައި މިގޮތަށް އޮތްކަމުގައި ވިޔަސް އެ ތަނަކީ ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ތަނެއް

ކަމުގައި ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީޣެ އިތުރުން ވޯޓުލާ ދުވަހު ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުންނާނެކަމަށް ރީ-ރަޖިސްޓްރީ ކުރުމަށްފަހު އެހެން އެއްވެސް ތަނަކަށް ވޯޓު ނުލެވޭނެ ކަމަށާއި، ރީ-ރަޖިސްޓްރީއަށް ހުޅުވާލާ މުއްދަތަށްފަހު އެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުން ބަންދުކޮށްފައިވާ މީހުން ރީ-ރަޖިސްޓަރީ ކުރުމަކީ އެ ބަޔަކު ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން