ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރެއްވުން ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައި.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުން" މަޝްރޫޢު އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވިދާޅުވީ މިއަދު އިފުތިތާޙުކުރެވިގެންދިޔަ މަޝްރޫޢުގެ ސަބަބުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި މަޝްރޫޢުގެ ސަބަބުން މުޅި ޞިއްޙީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ ދަށުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރުމުގެ ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސިޔާސަތުގެ ދަށުން ގިނަކަންކަން މީހުން ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންފާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅޭ އެއްވެސް މީހެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދު މި އިފުތިތާޙުކުރެއްވި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލަށާއި ގިނަ ޞިއްޙީ މަރުކަޒުތަކަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ. ޞިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 608 ކޮމްޕިއުޓަރ ސިސްޓަމާއި، 44 ލެޕްޓޮޕާއި، 500 ޓެބްލެޓާއި، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި 551 ޕްރިންޓަރެވެ.

މިއަދު މި މި ޙަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ޙައްލެއް ލިބިގެންދާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން