ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މައިނޯރިޓީ ޕާޓީތަކުގެ ޙައްޤުތައް ކަށަވަރުކޮށްދެއްވަން ޖެހޭނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ.

އަފީފް މިމޭރުމުން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ޤާނޫނު އަސާސީގައިވަނީ މެޖޯރިޓީއަށް ތަބާވުމުގެ ވާހަކަ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ ޤާނޫނު އަސާސީގައި ތާނަ އަކުރުން ބަރުތީލަވެފައި ވަނީ މެޖޯރިޓީއަށް ތަބާވުމަށްކަމަށެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވީ މެޖޯރިޓީން މައިނޯޓީގެ ޙައްޤުތައް ކަށަވަރުކޮށްދޭން ވާނެކަމަށް ވިދާޅުވެފައެވެ.

“މެޖޯރިޓީން މައިނޯރިޓީގެ ޙައްޤުތައް ކަށަވަރުކޮށްދޭންވާނެ. މައިނޯރިޓީގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްފަހު މެޖޯރިޓީން ބޭނުންވާގޮތަށް ގެންދެވޭނީ.” އަފީފް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ޙަސަން އަފީފް ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބ. ގެ ދަށުން ކަމަށް އަމީން ޢާއްމު ނިއުޝާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށްބުނެ ބައެއް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކޮށްފައެވެ. އަދި، އީވާގެ އިތުބާރު ނެތް މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މުއްދަތު މިއަދަށް ހަމަވެފައިވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލަ ނެތުމުން އެ ކަމުގެ ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.

އެގޮތުން ގިނަ މެންބަރުންތަކެއް ގޮނޑިތައް ދޫކުރައްވައި މަޖިލީހުގެ ތަޅުމަށް އެއްވެ މަޖިލީހުގެ ނިޒާމު ގެއްލުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވައި ލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު