ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން ދަޢުލަތުގެ 5 މުޢައްސަސާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތާއި، ސިވިލް ސާވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި، ޕޯސްޓު އޮފީޙާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއެކު އީސީން ވަނީ ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ.

މި ފަހުމުނާމާތަކުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް ފުވާދު ތައުފީގެވެ. އަދި އެހެން މުޢައްސަސާތަކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާތަކުގެ އިސްވެރިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ޢާއްމުކޮށްފައެވެ. މިލިސްޓުގައި 2023 ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ މީހުންނާއެކު 282672 މީހުން ހިމެނެއެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އިދިކޮޅު ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމާއިި, ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ކެންޑިޑޭޓުންވެސް އިންތިޚާބުގައި ވާދަކުރަށްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު