ރަށްރަށު މީހުނަށް މަލާމާތްކޮށް ގަދަރު ކުޑަކުރުމަކީ މުގާބޭންގެ އަސާސީ ސިފައެއް ކަމަށް އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ ޢަލިމަނިކު ވިދާޅުވެއްޖެއެވެ.

މޫސާ ޢަލިމަނިކު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ނިޒާމީ މައްސަލަ ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކައަށް މެމްބަރު ރާޝިދު ހުރަސް އަޅުއްވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު އަލަށް ފަޓުލޫނު ލާން ފެއްޓެވީ މިއަދު ކަމަށް އާޒިމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

“އިއްޒަތްތެރި ރައީސް. މިރާޑޯ އަދި އަލަށް ފަޓުލޫނު މިލީ. އަދި އަލަށް ފަޓުލޫނުލީ.” މެންބަރު ޢަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމަށް ރައްދުދެއްވަމުން މޫސާ ޢަލިމަނިކު މިއަދު ވިދާޅުވީ ރަށްތަކަށް ނިސްބަތްވާ މީހުންގެ ސިފައާއި ނަސަބަށް މަލާމާތްކޮށް ގަދަރު ކުޑަކުރުމަކީ މުގާބޭންގެ ވަރަށް އަސާސީ ސިފައެއް ކަމަށާއި ރަށްރަށުގެ މީހުންގެ ޙިއްސާ ރާއްޖެއަށް ގެނެވުނު ބަދަލުތަކުގައި ކުޑަނުވާނެ ކަމަށެވެ.

“އަންނާށޭ ގޮވާލީމަ އޮތް އެއްޗެއް ލައިގެން އައިސް ރަށްތަކުން އަންނަ މީހުން ކުރާ ބުރަ މަސައްކަތް މި ރާއްޖެއަށް ގެނެވުނު ކޮންމެ ބަދަލެއްގައި އާޒިމް ކަހަލަ މީހުންގެ ހިއްސާއަށް ވުރެ މާ ބޮޑު ވާނެ.” އާޒިމަށް ރައްދު ދެއްވުމުގެ ގޮތުން މޫސާ ޢަލިމަނިކު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ބައެއް މެންބަރުން ހުރަސް އެޅުމާ ގުޅިގެން ދެފަހަރެއްގެ މަތން ޖަލްސާ މެދުކަނޑާލުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާވަނީ ނިންމާލާފައެވެ.

މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު މަޖިލީހުގައި މަރުތަޅު އެޅުވި މަޖިލިސް ކުރިއަށް ނުގެންދެވޭތާ ދެ ހަފުތާ އަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު