އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މިއަދު އެޗްއާރުސީއެމްގެ އޮފީސްތެރެއަށްވަދެ ޢަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އެޗްއާރުސީއެމުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައިވާތީ ކޮމިޝަންގެ މެންބަރުންގެ ވަގުތުތައް ހުރިގޮތަށް ބަލައި މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ކަމަށެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ބައްދަލުވުމަށް ޙާޟިރުވެފައިވަނީ އޭގެ ދޮޅުގަޑިއިރު ފަހުން ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ އެޗްއާރުސީއެމްގެ އޮފީހުގެ ތެރޭގައި އަޑުގަދަކޮށް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ޢަމަލުކޮށްފައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

“އެފަރާތްތައް އޮފީހުން ނިކުމެފައި ނުވާތީ އޮފީސް ބަންދުނުކުރެވި މުވައްޒަފުން ގެއަށް ނުދެވިފައި ތިބިކަން ފާހަގަކުރަމެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ޢަމަލުކޮށްފައިވާގޮތް މިކޮމިޝަނުން ހިތާމައާއެކު ކުށްވެރިކުރަމެވެ.” އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

އެޗްއާރުސީއެމުން ބުނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދުގެ ބައްދަލުވުމަށް ގަޑިޖެހިގެން އެތައް އިރެއް ވީއިރު ވެސް ވަޑައިގެންފައި ނުވާތީ އެ ފަރާތަށް ދެންނެވުމަށްފަހު ޖޫން 15، 2023 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ބައްދަލުވުން ހަމަޖައްސައި އެކަން އެކޯލިޝަނަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އެޗްއާރްސީއެމަށް މިއަދު ގޮސްފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތާ ގުޅޭގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތްތައް ކޮންމެ ދުވަހަކު ބާއްވާތީއާއި ގިނައިރުތަކެއް ވަންދެން ޝަރީއަތްތައް ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު