ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދަށް ތުހުމަތުކުރެވުނު ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންދިއުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ޢަލީ ވަޙީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރު ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

ޢަލީ ވަޙީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނުއިރު އޭނާ ހުންނެވީ ޖޭޕީގެ ސްލެޓެއްގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށެވެ.

ޢަލީ ވަޙީދަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމާ ގުޅިގެން ޤާސިމް ވިދާޅުވީ "އަލީ ވަހީދަށް ފަށްފަށުން މަރުހަބާ." ދަންނަވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ޢަލީ ވަޙީދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމެވީ ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ވަނީ ސިޓީ ހުށައަޅާފައެވެ.

ޕީޖީން ބުނީ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.

މި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބޭސްފަރުވާއަށްކަމަށް ވިދާޅުވެ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. އޭގެފަހުން ރާއްޖެވަޑައިނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޕީޖީ އޮފީހުން އަލީ ވަހީދަށް ކުރި ދަޢުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު