ޕީޕީއެމްގެ މެނިފެސްޓޯ އަކީ މި ސަރުކާރު ބަދަލުކުރުންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޖަގަހައިގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ އަކީ ރައީސް ޞާލިޙްގެ މި ސަރުކާރު ބަދަލުކުރުން ކަމަށާއި އިތުރުކަމެއް ނެތްކަމަށެވެ.

ރައީސް ޔާމީނަށް އިންސާފުގެ ނަމުގައި ރޭވިގެން އަނިޔާކުރަމުންދާކަމަށް ތުހުމަތު ކުރަށްވަމުން ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީޢަތްތައް ކޮންމެ ދުވަހަކު ބާއްވަމުންދާކަމަށާއި ކޮންމެ އަޑުއެހުމެއްގައި 13 ގަޑިއިރު ހޭދަކުރަށްވަން ޖެހޭކަމަށެވެ. އެހެންކަމުން އެއީ އަނިޔާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނާ ގުޅެންތިބި ބަޔަކާ ގުޅިގެން އިރާދަކުރެއްވިއްޔާ މިކަން ނިންމާނަން.” ޝިޔާމް ވިދާޅުވިއެވެ.



ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ މިޤައުމަށް ކުރިމަގެއް ފެންނަން އޮތީ މިވެރިކަން ނިމިގެން ކަމަށެވެ. އެގޮތުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުންވެސް ކުރިއެރުމެއް އޮތީ މި ވެރިކަން ބަދަލު ކުރެވިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މި މޭރުމުން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ވަނީ އަރުވާފައެވެ. ނަމަވެސް 11 އަހަރުގެ ޖަލު ޙުކުމެއްގައި ރައީސް ޔާމީން ހުންނެވުމުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވިދާނެ ކަމާމެދު ޕީޕީއެމްގެ ލީޑަރޝިޕްގެ މެދުގައިވެސް ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު