8 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓްލުން މިއަދު ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށް ދަނީ ހދ. ފިނޭ އާއި ރ. އަނގޮޅިތީމާއި ކ. ދިއްފުއްޓާއި އއ. ފެރިދޫ އާއި މ. ވޭވަށާއި ތ. ގާދިއްފުއްޓާއި ލ. މާމެންދޫ އާއި ގދ. ހޯނޑެއްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަނެވެ.

އިންތިޚާބުގެ ވޯޓު ފޮށިތައް އިންތިޚާބީ ދާއިރާތަކުގައި ބަހައްޓާފައިވާއިރު މި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން މާލޭގައި ވަނީ ދެ ވޯޓް ފޮށި ބަހައްޓާފައެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މި ބައި-އިލެކްޝަންތަކަށް ޖުމްލަ 4985 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އީސީން މަޢުލޫމާތުދެއެވެ.

ޤާނޫނަށް ފަހުންގެނައި ބަދަލާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ޖެހެނީ މެންބަރެއްގެ ގޮނޑި ހުސްވާތާ 365 ދުވަހުގެ ތެރޭގައެވެ. މި އިޞްލާޙާއެކު މިއަހަރު ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތައް ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކުރީ މިއަދަށެވެ.

ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެންބަރުން އިންތިޚާބުވިފަހުން ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން