އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ނުނެރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މި މޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމްގެ މެނިފެސްޓޯ އަކީ މި ސަރުކާރު ބަދަލުކުރުންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.

ޝިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުވެސް ވަނީ މި ރާއްޖޭގައި ދެން އުފެދޭނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު އުފެދޭ ސަރުކާރެއް ކަމަށާއި އެގޮތުން ގުޅެންޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ މި ސަރުކާރު އޮތީ ގަދަކޮށް ކަމަށާއި، އިދިކޮޅު ޕާޓީތަކުގެ މަސައްކަތަކީ ރައީސް ޞާލިޙް ބަލިކުރެވޭނެ ފޯމިއުލާއެއް ހޯދުން ކަމަށެވެ. އަދި އެފަދަ އުކުޅެއް އެފަރާތްތަކަށް ތައްޔާރު ނުކުރެވޭނެ ކަމަށަށްވެސް މޫސަ ވިދާޅުވިއެވެ.

"އެކަން ކުރެވޭކަށް ނެތް. އެއްގަލަކަށް އެވެރިންނަށް އެރޭކަށްނެތް. ޕާޓީ އެއްބަސްވާ ކެނޑިޑޭޓަކު ނެރެވޭކަށް ނެތް." މޫސާ މަނިކު ވިދާޅުވިއެވެ.



ގުޅެންޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު އެކަމުގައި އެފަރާތްތަކަށް މާބޮޑު ކާމިޔާބީއެއް މިހާތަނަށް ހޯދިފައެއް ނެތެވެ. ނަމަވެސް ރައީސް ޞާލިޙާއެކު ރިޔާސީ އިންތިޚާބުގައި އިއްތިހާދު ހެދުމަށް ޢަދާލަތު ޕާޓީއާއި އެމްޑީއޭ އިން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު