ވޯޓަށް ފިލައިގެން އުޅުނު ނަމަވެސް މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮތްކަމަށް ނުވާނެ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު އިންނަވަން ޖެހޭ ބޭފުޅާ އުޅުއްވަނީ ފިއްލަވައިގެން ކަމަށެވެ. އަދި ވޯޓަށް ފިލައިގެން އުޅުނު ނަމަވެސް މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮތްކަމަށް ނުވާނެ ކަމަށް ރޮޒައިނާ މިއަދު ވިދާޅުވިއެވެ.

ރޮޒެއިނާ މިއަދު ވިދާޅުވީ މިއަދަކީ މަޖިލީހުގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފަށް ބެލެހެއްޓޭނެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި މަޖިލީހުގެ އިތުރު ޖަލްސާއެއްގައި ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން އަފީފަށް ނުލިބޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ތިން ޖަލްސާ ވިދިވިދިގެން މަނިކުފާނަށް ބެލެހެއްޓެވޭނީ." ރޮޒެއިނާ މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގައިވަނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށެވެ. މިގޮތަށް ކަނޑައަޅާ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.

މިއަދުގެ ޖަލްސާގައި ރޮޒައިނާ ވަނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އަށްވެސް ބަހުގެ ޙަމަލާތަކެއް ދީފައެވެ. އެގޮތުން އެއީ މިވަގުތު ޕާޓީއެއް ނޫންކަމަށާއި ނަމަވެސް މަސައްކަތް ކުރަމުންދަނީ ޕާޓީއަކަށް ހެދިގެން މަޖިލީސް ޙިސާރު ކުރުމަށްކަމަށް ރޮޒައިނާ މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު