ރައްޔިތުންގެ މަޖިލީހަކީ "ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންނަށް އެއާ ޓައިމްދޭ ތަނެއް ނޫންކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަނދުން ޙުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގެއްލިފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގައި މިވަގުތު އޮތީ ހަމައެކަނި އޮނިގަނޑެއް ކަމަށާއި ކޮމިޓީތަކުގައިވެސް މެންބަރުން ނެތް ކަމަށެވެ.

އަނދުން ޙުސައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ތިއްބަވާ ބޭފުޅުންވެސް މަޖިލީހުގެ ތަޅުމަކީ "ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންނަށް އެއާ ޓައިމްދޭ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުންވަނީ ތަކުރާރުކޮށް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ކަމަށާއި އެހެންކަމުން މިހާރު ހުށައަޅާފައިވާ އިމްތިޔާޒްގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޙުސައިން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް މިވަގުތު ދެމިއެއް ނެތް. މެންބަރުންނެއް ނެތް. އޮނިގަނޑު އޮތީ." އަނދުން ޙުސައިން ވިދާޅުވިއެވެ.

ޙުސައިން މިއަދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށްދިޔަ ނަމަވެސް ކޮމިޓީތައް ކުރިއަށް ނުދިއުމަކީ މަޖިލީހުގެ އެއްބައި ކުރިއަށް ނުދިއުން ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހުށައަޅާފައިވާ އިމްތިޔާޒްގެ މައްސަލަ ދައުރު ދިގުކޮށްގެންނަމަވެސް ކުރިއަށް ގެންދަންޖެހޭކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލާގައި ބަހުސްކުރަން އެދިވަޑައިގެންނެވި މެމްބަރުން ތަޅުމުގައި ނެތްކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން މިއަދު އެމައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެކަމާގުޅިގެން ރިޔާސަތުން ބުނެފައިވަނީ ބަހުސްގައި ވާހަކަ ދައްކަވަން ހަތަރު މެމްބަރުން ތިއްބެވި ކަމަށާއި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މެމްބަރަކު ތަޅުމުގައި ނެތް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 184 ވަނަ މާއްދާގެ ދަށުން، އިމްތިޔާޒްގެ މައްސަލަތަކުގައި ބަހުސް ކުރެއްވުމަށް މައްސަލަ ހުށަހެޅުއްވި މެމްބަރަށާއި، ސިޔާސީ ޕާޓީތަކުގެ ކޮންމެވެސް އެއް މެމްބަރަކަށް އަދި މިނިވަން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށް ހަމަހަމަ އުސޫލުން ފުރުސަތު ދޭން ޖެހެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު