ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދަޢުލަތުގެ 3 ބާރުގެ ތެރެއިން 1 ބާރު ހައިޖެކްކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހައްދުންމަތީގެ މެންބަރުކަން ކުރެއްވި ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ 5 ވަނަ މާއްދާ ހައިޖެކް ކޮށްފައިވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 5 ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހައިޖެކްކޮށްފައިވާއިރު ޤާނޫނު އަސާސީގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބުނާ ދެބާރުވެސް އޮތީ ހިމޭނުންކަމަށް ރީކޯމޫސަ މިއަދު ވިދާޅުވިއެވެ. ޤާނޫނު އަސާސީ ބުނާގޮތުން ދިވެހި ދަޢުލަތް އެކުލެވިފައިވަނީ ޤާނޫނު ހެދުމުގެ ބާރާއި ޢަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށެވެ.

މޫސަ ވިދާޅުވީ މިވަގުތަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަމަށްވާ ނޫސްވެރިން އެމީހުންގެ ބާރުގެ ބޭނުން ހިފަންވީ ވަގުތުކަމަށެވެ.

“ޑިމޮކްރަސީގެ 4 ވަނަބާރު ކަމަށް ދައުވާ ކުރަށްވާ ޤއ.ގެ 28 ވަނަ މާއްދާއިން ބާރުލިބިގެން އުޅުއްވާ ގިނަ ނޫސްވެރިން ކޮބައތޯ؟” މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގެ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސް ނަޝީދު މިއަދު މަޖިލީހުގައި ޖަލްސާއެއްވެސް ބާއްވަވާފައެއް ނުވެއެވެ.

ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ. އެހެންވެ، އިއްޔެ އަކީ ވިދިވިދިގެން އަފީފަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ފަހު ދުވަހެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމުގެ ހާލަތަކީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުވެސް އެއްވެސް މިންވަރަކަށް ތަސައްވުރުކޮށްފައި އޮތް ހާލަތެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު