މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ މަޖިލީސް19ގެ ރައީސްގެ ދެބެއިންނަށް މަޤާމް ދިފާޢު ނުކުރެވުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގެ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސް ނަޝީދު މިއަދު މަޖިލީހުގައި ޖަލްސާއެއްވެސް ބާއްވަވާފައެއް ނުވެއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަތީ މަޖިލިސް ހުއްޓޭ ގޮތަށް އަމަލު ނުކުރައްވައި، އީވާގެ މައްސަލަ އަނބުރާ ގެންދެވުމަށެވެ.

ހަމައެއާއެކު 18 ވަނަ މަޖިލީހުގައިވެސް އެފަދަ ޙާލަތެއް ކުރިމަތިވީކަމަށް ނުސީދާކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެފަހަރު މަޖިލީހުގެ ނައިބުރައީސްގެ މައްސަލަ އަނބުރާ ގެންދިޔައީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ. އޭގެ ފަހުން އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ނުހުއްޓުވާ ރީތިކޮށް ގެންގޮސް ނިންމޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވި ނަމަވެސް 18 ވަނަ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅު ދޮގު ކުރަށްވާފައެވެ. މީގެކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުވެސް އަދާކުރެއްވި މޫސާ މަނިކު ވިދާޅުވީ 18 ވަނަ މަޖްލީހުގެ ނައިބްރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސްގެ މައްސަލަޔާ އެކުގައި ނޫން ކަމަށެވެ.

“އަނބުރާނެގީ މައްސަލަ ކުރިއަށް ނުގެންދެވިގެނެއްނޫން! 19 ވަނަ މަޖްލީހުގެ ރައީސްގެ ދެބެން މަޤާމް ދިފާޢުކުރަން ހުއްޖަތަކަށް އެދޮގު ނުހައްދަވާ.” މޫސާ މަނިކު ވިދާޅުވިއެވެ.



ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމުގެ ހާލަތަކީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުވެސް އެއްވެސް މިންވަރަކަށް ތަސައްވުރުކޮށްފައި އޮތް ހާލަތެއް ނޫން ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާ ވެފައިވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު