ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލިސް ހުއްޓުނީ ރައީސް ޞާލިޙްގެ ސަބަބުން ކަމަށެވެ. ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އަންނާނެކަން ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ރައީސް ޞާލިޙަކީ ތަޖުރިބާކާރު ޕާލިމެންޓޭރިއަނެއް ކަމަށާއި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގައި މެންބަރެއްގެ ގޮތުން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް ސަލީމް ވިދާޅުވިއެވެ.

"މިއީ އެނގިތިބެ ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން ސޮއިކުރީ އެ މެންބަރުންނަށް ބިރު ދެއްކުމުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެންބަރުން ބުނެފައިވަނީ ސަރުކާރުން މަޖިލީސް ހުއްޓުވާފައިވަނީ އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ނާޖާއިޒު ފައިދާތަކެއް ހޯދައިދީގެން ކަމަށް ތުހުމަތު ކުރަށްވާ ކަމަށެވެ. އަދި މަޖިލީހުގައި މަރުތަޅު އެޅުވީ ޗާގޯސްގެ މައްސަލައިގައި އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ކަމަށްވެސް އިދިކޮޅު މެންބަރުން މިއަދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން މިހެން ބުނެފައިވާއިރު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގެ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސް ނަޝީދު މިއަދު މަޖިލީހުގައި ޖަލްސާއެއް ބާއްވަވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއެކު މަޖިލީހުގެ ކުޑަދަށުގައި އިންނެވި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.

އިދިކޮޅު ޕީޕީއެމުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ރައީސް ނަޝީދާއެކު މަޖިލީހުގެ ކުޑަދަށުގައި ބޭއްވެވި ބައްދަލުވުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު