ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ނަމަވެސް އިޙްތިޖާޖް ކުރުމަށް މާދަމާ ތަޅުމަށް ވަންނާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ދޫދޭން ބޭނުން ނުވާތީ، މައިނޯރިޓީއަށް ކުރެވޭނެ ކަމަކީ އިހުތިޖާޖު ކުރުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާ މަޖިލިހުގެ ތަޅުމަށް ވަންނާނެ ކަމަށާއި އެކަން މަޖިލީހުގެ ސެކްރެޓޭރިއަޓަށްވެސް މިހާރުވާނީ ދަންނަވާފައި ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން. ސެކްރެޓަރީ ޖެނެރަލަށްވެސް ދަންނަވާފައިވާނެ. މަޖިލިސް ތަޅުއަޅުވާފައި ބެހެއްޓިޔަސް އަޅުގަނޑުމެން ތަޅުމަށް ވަންނާނެ." ސައީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށްވެސް އިދިކޮޅުން ދޫތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން 3 ކޮމިޓީއެއް ފިޔަވައި އެހެން ކޮމިޓީތައް އެމްޑީޕީ ބޭނުންގޮތަކަށް ބެހުމަށް ދޫދީފައިވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އިދިކޮޅުން އެދެމުންދަނީ ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކޮށް ފާރަވެރިވުމަށް އޮންނަ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް އަވަހަށް ފެށުމަށް ކަމަށާއި ނަމަވެސް އެމްޑީޕީން އެއްވެސް ވަރެއްގެ ދުލެއް ނުދޭކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް މިމޭރުމުން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީން ދޫތަކެއް ދީފައިވާ ކަމަށާއި އެކަމުގައި އެއްބާރުލުން ނުދެއްވަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު